ކުޅިވަރުގެ ސަބަބުން ކިޔަވާ ކުދިންނަށް ކުރާ ހެޔޮ އަސަރު

    ދުނިޔޭގައި ތަޢާރަފުވަމުން މިދާ ކުޅިވަރުތަކަކީ ކިޔަވާ ކުދިންގެ ލެޔާ ގުޅިފައިވާ އެއްޗެކެވެ. އެގޮތުން، ކުޅިވަރު ކުޅުމަކީ ކުދިން މުނިފޫހި ފިލުވުމުގެ ގޮތުން ކޮށްއުޅޭ މަސައްކަތެކެވެ. އަދި ކުޅިވަރަކީ އޭގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށްވެސް އެކި ގޮތްގޮތުން އަސަރުކުރާ ކަމެއް ކަމަށް ގިނަ ދިރާސާތަކުން ވަނީ ހާމަ ކުރައްވާފައެވެ. ހަމައެހެންމެ، ކިޔެވުމަށް ދަރިވަރުންގެ ސިކުނޑި ހުޅުވާދޭ ބައެއް ކަންކަންވެސް ފާހަގަ ކުރެވެއެވެ. އެހެންކަމުން، ކުޅިވަރުގެ ސަބަބުން ދަރިވަރުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމާއެކު، ސިކުނޑި ތާޒާވެއެވެ.

   ކުޅިވަރުގެ ސަބަބުން، ކިޔަވާ ކުދިންގެ ސިއްޙަތަށް ނުހަނު ފައިދާތަކެއް ކުރެއެވެ. އެގޮތުން، ކުޅިވަރު ކުޅުމުގައި ކޮންމެ ދުވަހަކުވެސް ވަގުތު ހޭދަކުރުމުގެ ސަބަބުން އެތެރެހަށީގެ ބަލިތަކުން ސަލާމަތްވެ ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަވެއެވެ. އަދި ޖިސްމާނީ ދުޅަހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަންވެސް އިތުރުކޮށްދެއެވެ. ހަމަމިއާއެކު، ނޫކަށިފުރާ ކުދިންގެ ކަށިތަށް ވަރުގަދަވެ ހަކުރު މައްޗަށް ދިއުމުން ވެސް  ރައްކާތެރިކޮށްދެއެވެ. އޭގެ ސަބަބުން ހެލިފެލިވެ އުޅުމަށް ފަސޭހަވެ، އުމުރާ ގުޅޭވަރަށް ކުއްޖާ ހެދިބޮޑުވެއެވެ. ހަމައެހެންމެ، ކަސްރަތު ލިބުމުގެ ސަބަބުން ހަށިގަނޑު ތާޒާވެ ބަލިތަކުން ރައްކާތެރި ކޮށްދޭތީ އެކަމަށް ސަމާލުކަން ދޭންޖެހެއެވެ.  

   ކުޅިވަރަކީ އޭގެ ސަބަބުން، ދަރިވަރުންގެ ސިކުނޑި ތާޒާވާކަމެކެވެ. އަދި ކުޅިވަރު ކުޅުމަށްދޭ ސަމާލުކަމުގެ ސަބަބުން، އެހެންކަމަށްވެސް ދެވޭ ސަމާލުކަން ބޮޑުވެގެންދެއެވެ. އެގޮތުން، ސުކޫލުގައި ކިޔަވާއިރު ދަރިވަރުންނަށް ހިސާބުކިތާބު ފަދަ މައްސަލަތައް ހައްލުކުރަން ފަސޭހަވެގެންދާކަމަށް ފާހަގަކުރެވެއެވެ. ހަމައެއާއެކު، މުޖުތަމަޢު ތެރޭގައި ކުއްޖާ ހެދިބޮޑުވާއިރުވެސް ގޮންޖެހުންތަކާއި ކުރިމަތިލުމަށް އިތުރު މަގެއް  ކޮށައިދެއެވެ. އޭގެއިތުރުން، ކުޅިވަރު ކުޅުމުގެ ތެރޭގައި ބައްދަލުވާ ތަފާތު މިޒާޖުގެ ކުދިންނާއެކު ގުޅުން ބަދައހި ކުރުމުން ކުއްޖާއަށް އެކި ގޮތްގޮތުން ހިތްހަމަޖެހުން ގެނެސްދެއެވެ. އެހެންކަމުން، ކުޅިވަރުގެ ސަބަބުން ކިޔަވާ ކުދިން ކަންކަން ކުރުމުގައި ސިކުނޑި ހުޅެވި ހަދާން ގަދަވުމުގެ ފުރުސަތު ފަހިވާތީ އެފުރުސަތު އެކުދިންނަށް ދޭންޖެހެއެވެ.

    ކުޅިވަރުގެ ސަބަބުން ކިޔަވާ ކުދިންނަށް އެކި ގޮތްގޮތުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދެއެވެ. އަދި ދަރިވަރުން ކިޔެވުމުގެ ތެރޭގައި އުޅޭއިރު އެކުދިންނަށް ދިމާވާ ގޮންގެހުންތަކާއި ކުރިމަތިލާން ފަސޭހަކޮށްދެއެވެ. ހަމައެހެންމެ، ސިއްހީގޮތުން ފައިދާ ކުރުމުގެ ސަބަބުން، އެތެރެހަށީގެ ބަލިތަކުން ރައްކާތެރި ކޮށްދެއެވެ. އޭގެ ސަބަބުން ކުއްޖާއަށް ހެލިފެލިވެ އުޅުމަށް ފަސޭހަވެގެންދެއެވެ. ވީމާ، ކިޔަވާ ދަރިވަރުން ކުޅިވަރު ކުޅުމުގެ ތެރެއިން ބޮޑުވެގެން އައުމަކީ ކުއްޖާއަށް އެކި ގޮތްގޮތުން އެކި ހުނަރުތަށް އާލާވެ ހެޔޮ އަސަރުކުރާ ކަމަކަށްވާތި ކުޅިވަރު ކުޅުމަށް ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދޭންޖެހެވެ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top