ޒުވާނުން ދިވެހިބަސް ދިރުވާ އާލާ ކުރާނީ ކިހިނެއް؟

ދިވެހީންގެ ތަރިކަތަކުގެ ތެރެއިން އެންމެ އަގުހުރި އެއްތަރިކަ އަކީ ދިވެހި ބަހެވެ. ވުމާއެކު, ދިވެހިބަސް ދިރުވާ އާލާ ކުރުމަކީ ދިވެހި ޒުވާނުންގެ ވާޖީބެކެވެ. އެހެނީ އަދުގެ މުޖުތަމަޢުގައި ދިވެހި ބަހަށް އޮންނަ ލޯތްބާއި ޝައުގުވެރިކަން ނެތިގެން ދާއިރު މިކަމަށް ހައްލެއް ހޯދަން ދިވެހި ޒުވާނުން އަތު ކުރި އޮޅާލައި އިސްސަފުގައި މަސައްކަތް ކުރަންޖެހެއެވެ. އެހެންކަމުން ޒުވާނުން ދިވެހި ބަސް ދިރުވައި އާލާ ކުރުމަށްޓަކައި ދިވެހި ބަހަށް ދިވެހިން ޝައުޤުވެރި ކުރުމާއެކު، ފޮތް އަލަމާރި ފުޅާކުރުމާއެކު، އައު ލަފުޒުތައް އުފެއްދުމާއެކު، ތަރުޖަމާ ކުރުން އިތުރު ކުރެވިދާނެއެވެ.

ޒުވާނުން ދިވެހި ބަސް ދިރުވައި އާލާ ކުރުމަށްޓަކައި ދިވެހި ބަހަށް ޝައުޤުވެރި ކުރެވިދާނެއެވެ. އެގޮތުން އަދުގެ ޒުވާން ޖީލު ޝައުޤުވެރި ކުރުމަށްޓަކައި ދިވެހި ބަހަށް ޚާއސަ ޙަރަކާތްތައް ކުރިއަށް ގެންދެވިދާނެއެވެ. މިގޮތުން ދިވެހި ބަހަށް ފުންނާބު އުސްބޭފުޅުން ގެނެސް ވާހަކަ ދެއްކުމުގެ މުބާރާތްތަކާއި ލިޔުމުގެ މުބާރާތްތައް ކުރިއަށް ގެންދެވޭނެއެވެ. ހަމަ އެހެންމެ އަމަލީ މައިދާނުގައި ދިވެހިން މުއާމަލާތު ކުރުމުގެ މުހިންމުކަމާ މެދު އަހުލުވެރި ކުރުމަށްޓަކައި އެންމެންނަށްވެސް ފަހުމު ވާނެހެން ވާހަކަ ދެއްކުމަށް ބާރުއެޅިދާނެއެވެ. މީގެ އިތުރުން ދިވެހި ބަހުން ހުންނަ ޕްރޮގްރާމްތައް އިތުރުކޮށް، ޝައުޤުވެރިވާފަދަ މައުޟޫތަކާއި ގުޅޭ ޚަބަރުތައް އިތުރު ކުރެވިދާނެއެވެ. ކުރުކޮށް ދަންނަވާނަމަ، ދިވެހި ބަހަށް ދިވެހީން ޝައުޤުވެރި ކުރުމަކީ ޒުވާންނުންނަށް ދިވެހި ބަސް ދިރުވައި އާލާ ކުރުމަށްޓަކައި ކުރެވިދާނެ މުހިއްމުކަމަށް ވާތީ މިކަން ކޮންމެހެންވެސް ކުރަން ޖެހެއެވެ.

ދިވެހި ބަހުގެ ފޮތް އަލަމާރި ފުޅާކުރުމަކީވެސް ދިވެހި ބަސް ދިރުވާ އާލާކުރުމަށްޓަކައި ޒުވާނުންނަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން ލިޔުންތެރިކަމަށްޓަކައި އަދުގެ ކިޔަވާ ކުދިންނަށް ވާހަކަ ލިޔަން ދަސްކޮށްދީ ލިޔުންތެރިކަމަށް ލޯބި ޖެއްސިދާނެއެވެ. ހަމައެހެންމެ އައު ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ވާހަކަ ލިޔުމަށް ބާރުއަޅާއި އަމިއްލަ އުފެއްދުންތެރިކަން ބޭނުންކުރުމަށް އެއްބާރުލުން ދެވިދާނެއެވެ. މީގެ އިތުރުން ދިވެހި ވާހަކަ ލިޔުމަށް ކިޔަވާ ކުދިން ހުންނަ ޖޯޝާއި ފޯރި އިތުރު ކުރެވޭނެއެވެ. އެހެންކަމުން އަތޮޅު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ވާހަކަ ލިޔުމުގެ މުބާރާތްތައް ކުރިއަށް ގެންދެވިދާނެއެވެ. ސާފުކޮށް އެނގޭކަމަކީ, ދިވެހި ބަސް ދިރުވާ އާލާކުރުމަށްޓަކައި, ފޮތް އަލަމާރި ފުޅާކުރުމަކީ ދިވެހި ބަހަށް ކޮށްދެވޭ ވަރަށް އަގުހުރި ކަމެކެވެ.

ޒުވާނުން ދިވެހި ބަސް އާލާކުރުމަށްޓަކައި ފޮތް އަލަމާރި ފުޅާކުރުމުގެ އިތުރުން, އައު ލަފުޒުތައްވެސް އިތުރު ކުރެވޭނެއެވެ. އެހެނީ, ގިނަ ދިވެހިން ވާހަކަ ދެއްކުމުގައި ބޭރު ބަސް ބޭނުންކުރަނީ ބުނަން ބޭނުންވާ އެއްޗެއް ފަސޭހައިން އަނެކާއަށް ފަހުމުވާނޭފަދަ ދިވެހި ބަސްތައް ނެތުމުންނެވެ. މިގޮތުން އިނގިރޭސި ލަފުޒުތަކެކޭ އެއްފަދައިން ބޭނުން ކުރެވޭނެ ފަދަ ސާދާ ޖުމްލަތަކާއި ބަސްތައް އުފެއްދުން މިއަދު ވަނީ ޤައުމީ ވާޖިބަކަށް ވެފައެވެ. ހަމައެހެންމެ ތުއްތު ކުދިން ކުޅޭ ތަފާތު ގޭމްތަކާއި ބަލާ ވީޑިއޯތައްވެސް ދިވެހި ބަހުން އުފެއްދި ދާނެއެވެ. މީގެ އިތުރުން ކުރިއަރާފައިވާ ސައިންސާ ޓެކްނޮލޮޖީގެ އެހީގައި ބޭރު ބަސްތަކުން ދިވެހި ބަހަށް ބަދަލުކުރެވޭނެ ފަދަ ވެބްސައިޓްތަކާއި އެޕްލިކޭޝަންތައް އުފެއްދިދާނެއެވެ. ވީމާ އައު ލަފުޒުތައް އުފައްދާ އަމަލީ މައިދާނުގައި ބޭނުން ކުރެވުމަކީ ދިވެހި ބަސް ދިރުވާ އާލާކުރުމަށްޓަކައި ކޮންމެ ދިވެހި ޒުވާނެއްގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ.

ބޭރު ބަސްތަކުން ލިޔެފައި ހުންނަ ތަކެތި ދިވެހި ބަހަށް ތަރުޖަމާކުރުމަކީވެސް ޒުވާނުންނަށް ދިވެހިބަސް އާލާކުރުމަށްޓަކައި ކުރެވިދާނެ ވަރަށް ބުއްދިވެރި ކަމެކެވެ. އެގޮތުން ދިވެހި ޒުވާނުންގެ ތެރޭގައި މަގުބޫލު ވާހަކަތައް ކަމުގައިވާ ހެރީޕޮޓާ އަދި އެޓޮމިކް ހެބިޓްސް ފަދަ ވާހަކަތައް ދިވެހި ބަހަށް ތަރުޖަމާކުރެވިދާނެއެވެ.  އަދި މަޝްހޫރު ނެޓްފްލިކްސް ސީރީޒްތަކާއި ފިލްތައްވެސް ދިވެހިބަހުން އަޑުއަޅާއި ދިވެހިންގެ ބައެއް ސަގާފަތްތައް އެކުލެވިގެންވާ ގޮތަށް އުފެއްދިދާނެއެވެ. މީގެ އިތުރުން ކުޑަކުދިން ބަލާ ނާރސަރީ ރައިމްސްތަކުގެ ބަދަލުގައި ދިވެހި އަދަބިއްޔާތުގައި ހިމެނޭ ޅެން އަދި ބަނދި ފަދަ ތަކެތި އެކުދިންގެ ހިތްތައް ގަޔާވާ ފަދައިން ނެރެވިދާނެއެވެ. އެހެން ކަމުން ދިވެހިބަސް ދިރުވާ އާލާކުރުމަށްޓަކައި ދިވެހިބަހުން އެހެން ބަސްތަކުން ތަރުޖަމާ ކުރުމަކީ ދިވެހި ބަހަށް ލިބޭނެ އިތުރު ކުރިއެރުމެއްކަން ވިސްނާ ފިކުރުކޮށްފި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

ދިވެހި ބަސް ކުރިއަރުވާ އާލާކުރުވުމަށްޓަކައި ޒުވާނުންގެ ދައުރު ވަރަށް މުހިއްމެވެ. އެގޮތުން ނެތި ދިއުމާއި ކައިރިވެފައިވާ ފޮތް އަލަމާރި އިތުރަށް މުއްސަދިކުރުމާއެކު, ގައުމުގެ ފަރުދުން ބަހަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމާއެކު އައު ބަސްތަކާއި ޖުމްލަތައް އުފެއްދުމާއެކު ދިވެހި ބަހަށް އެހެން ބަސްތަކުން ތަރުޖަމާ ކުރެވިދާނެއެވެ. އެހެންކަމުން ބަހަށް ޝައުގުވެރި ކުރުވުމަށްޓަކައި ވާދަވެރި އަދަބީ މުބާރާތްތައް ބޭއްވި ދާނެއެވެ. ހަމައެންމެ އައު ފޮތްތަކާއި ނޫސް މަޖައްލާތައް ރިވެތި ބަސްމަގުތައް ބޭނުންކޮށްގެން ޝާއިޢު ކުރެވިދާނެއެވެ. މީގެއިތުރުން ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ ފަދަ އައު ބަސްތައް އުފެއްދޭނެއެވެ. އަދި ބޭރު ބަސްތަކުން ލިޔެފައި ހުންނަ ތަކެތި ދިވެހި ބަހަށް ތަރުޖަމާ ކުރެވޭނެއެވެ. ކޮންމެއަކަސް ދިވެހި ބަސް ކުރިއަރުވަން ޒުވާނުން ކުރެވިދާނެ ކަންކަން އެނގުމަކީ ބުއްދިވެރި ކަމެކެވެ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top