ރާއްޖެއަށް، ބޭރުން އެތެރެ ކުރެވޭ މިންވަރު މަދުކުރުމުން ލިބޭ ފައިދާ

ޖަޒީރާ ރައްތަކުން އުފެދިފައިވާ މި ކުޑަކުޑަ ރާއްޖޭގައި، އެހެން ޤައުމުތަކަށް ބަރޯސާވާ މިންވަރު މިވަނީ އިންތިހާ ދަރަޖައަށް އިތުރުވެފައެވެ. އެގޮތުން އެންމެ އާދައިގެ އެއް މިސާލަކީ، ކާ އެއްޗެހި ތައްޔާރުކުރަން ބޭނުންވާ ފިޔާ، ލޮނު ފަދަ އެއްޗެހި ގެންނަންވެސް ރާއްޖޭގެ މާރކެޓްތައް މިވަނީ އެހެން ޤައުމުތަކަށް ބަރޯސާވެފައެވެ. ނަމަވެސް ރާއްޖެއަށް ބޭރުން އެތެރެކުރެވޭ މިންވަރު ސަރުކާރަށް ހިފެހެއްޓޭނެއެވެ. އަދި މީގެ ސަބަބުން އެތަކެއް މަންފާއެއް ލިބޭނެކަމީވެސް ޝައްކެއް އޮތްކަމެއްނޫނެވެ. އެހެންކަމުން މީގެ ސަބަބުން ލިބޭ ފައިދާތަކުގެ ތެރޭގައި، ރާއްޖޭގައި އުފައްދާ މިންވަރު އިތުރުވުމާއި، ރާއްޖޭގައި ވަޒީފާތައް އިތުރުވުމާއިއެކު، މީހުންގެ އުފެއްދުންތެރިކަން ކުރިއެރުމުގެ އިތުރުން، ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރެވޭ މިންވަރުވެސް މަތިވެގެންދެއެވެ.

ރާއްޖެއަށް ބޭރުން އެތެރެ ކުރެވޭ މިންވަރު މަދުކުރުމުން، ރާއްޖޭގެ އެއް މޭލުދަނޑިކަމަށްވާ ރާއްޖޭގައި އުފައްދާ މިންވަރުވެސް އިތުރުކުރެވޭނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އެގޮތުން ރާއްޖޭގެ އަމިއްލަ އުފެއްދުންތައް އިތުރުވެ ދުނިޔޭގެ މާރކެޓްގައި ރާއްޖޭގެ ނަން ރަންކުލައިން ފެވިގެން ދާނެއެވެ. މިސާލަކަށް، ”މޭޑް އިން ޗައިނާ“ ނުވަތަ ”މޭޑް އިން ތައިލެންޑް“ ގެ ބަދަލުގައި ”ރާއްޖޭގެ އުފެއްދުމެއް“ ނުވަތަ ”މޭޑް އިން މޯލްޑިވްސް“ ގެ ނަން މެދުއުޑުގައި ގުގުމާލެވިގެން ދާނެކަން ޔަޤީނެވެ. މީގެ އިތުރުންވެސް، ރާއްޖޭގައި ކުންފުނިތައް ގިނަވެ، އިންޓަރނޭޝަނަލް ކުންފުނިތަކަށް ބަދަލުވެ، އެ ކުންފުނިތަކުން ލިބޭ ޓެކްސްގެ ރޭޓްވެސް އިތުރުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އުފައްދާ މިންވަރު މަތިވެ ވޯލްޑް އައުޓްޕުޓް ހައި އެއް ޤައުމުކަމުގައި ރާއްޖެ ވެގެން ދިއުމެވެ.

ރާއްޖެއަށް، ބޭރުން އެތެރެ ކުރެވޭ މިންވަރު މަދުކުރުމުން ރާއްޖޭގެ މީހުން އެކަމަކަށް ދަހިވެފައިވާ، ވަޒީފާތައްވެސް ނުހަނު އިތުރުވެގެން ދާނެކަން ޔަޤީނެވެ. އެގޮތުން ގިނަމީހުންނަށް ވަޒީފާގެ ފުރުޞަތުތައް ލިބި، މަގުމަތިވެފައި ތިބޭ މީހުންގެ އަދަދު އިންތިހާ ދަރަޖައަށް ދައްވެއެވެ. ހަމައެންމެ މީހުންގެ މުސާރަ އިތުރުވުމުން، މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ރާއްޖެ ފުދުންތެރި، މުއްސަނދި ޤައުމަކަށްވެގެންދެއެވެ. އެއީ މީހުންނަށް ލިބޭ ޑިސްޕޯސަބަލް އިންކަމް އިތުރުވުމުން ޚަރަދުކުރާ މިންވަރު އިތުރުވެ، ކުންފުނިތަކަށް ނުހަނު ބޮޑު ފައިދާއެއްކުރެއެވެ. އެހެންކަމުން މުޖުތަމައުގައި ފެންނަ ނޭއްގާނީ ޢަމަލުތައްކަމުގައިވާ ފޭރުމާއި، ވައްކަން ކުރުން މަދުވެ، މުޖުތަމަޢު ހަމަހިމޭންވެއެވެ.

ރާއްޖެއަށް، ބޭރުން އެތެރެކުރެވޭ މިންވަރު މަދުކުރުމުން ދިވެހިންގެ އުފެއްދުންތެރިކަން އިތުރު ވެގެން ދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެގޮތުން ރާއްޖެވެސް އެހެން ޤައުމުތަކޭ އެއްފަދައިން ދުނިޔޭގެ ކަޅި އެކަމަކަށް ހުއްޓިފައިވާ ޓެކްނޮލޮޖީ ނުވަތަ ސުމޭކީ ދުނިޔެއަށް ވަދެވި މޮޑާރން ޓެކޮނޮލޮޖީގެ ދާއިރާއިން އައު އީޖާދުތަކެއް އުފައްދާ ދުނިޔޭގެ މާރކެޓްގައި ދިވެހީންގެ އުފެއްދުންތައް ގުގުމާލެވެއެވެ. ހަމައެހެންމެ، އެތެރެ ކުރެވޭ މިންވަރު މަދުކުރުމުން، ދިވެހިންގެ އަމިއްލަ ވިސްނުމަށް އެކި އެއްޗެހި އުފައްދާ، މީހުންނަށް ފަހި ދިރިއުޅުމެއް ޤާއިމުކޮށްދެވެއެވެ. މިސާލަކަށް ރާއްޖެއިން އުފައްދާ  އެކި ވައްތަރުގެ މަހުގެ ބާވަތެވެ! އޭގެތެރޭގައި މަސްދަޅާއި، ވަޅޯމަހާއި، މަސްހުނިދަޅާއި، މަސްފުނޑު ޕެކެޓްވެސް ވިއްކަން ހުރުމުން މީހުންނަށް ނުހަނު ފަސޭހަވާނެކަން ޔަގީނެވެ. އެހެންކަމުން ރާއްޖެއަށް، ބޭރުން އެތެރެކުރެވޭ މިންވަރު މަދުކުރުމުން ދިވެހިންގެ އަމިއްލަ ވިސްނުން އިތުރަށް ތަރައްޤީވެ ކުރިއަރައިގެން ދެއެވެ.

ރާއްޖެއަށް، ބޭރުން އެތެރެކުރެވޭ މިންވަރު މަދުކުރުމުން، ރާއްޖެއިން އެކްސްޕޯޓް ކުރާމިންވަރު ބޮޑުތަނެއް އިތުރުވެގެންދާނެކަން ކަށަވަރެވެ. އެގޮތުން ރާއްޖޭގައި އުފައްދާ މިންވަރު އިތުރުވުމުން، ގަންނަން އަންނަ މީހުންވެސް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ގިން ފަތުރުވެރިން އުޅޭ ރިޒޯޓް ތަކުގައިވެސް ރާއްޖޭގެ އުފެއްދުންތައް ހުރުމުން، އެމީހުންވެސް އެ އުފެއްދުންތަކަށް ހިތްކިޔާނެއެވެ. އެމީހުންގެ ޑިމާންޑު ބޮޑުވުމުން، އެއެއްޗެހި ވިއްކާ ކުންފުނިތަކަށް އެކްސްޕޯޓް ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ. ހަމައެހެންމެ އެ އުފެއްދުންތަކަށް ރާއްޖޭން ބޭރުގައިވެސް ވަރަށް ބޮޑު މާރކެޓެއް އޮންނަކަން އެނގި އެ އުފެއްދުން ފެއިލް ނުވާނެކަމުގެ ފުރިހަމަ އިތުބާރު ލިބިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް، ބޭރުން އެތެރެކުރެވޭ މިންވަރު މަދުކުރުމުން ރާއްޖޭގެ އުފެއްދުންތައް އެހެން ޤައުމުތަކަށް އެކްސްޕޯޓް ކުރުން އިތުރުވެ އެ އުފެއްދުންތަކަށް ޑިމާންޑް ކުރާ މިންވަރުވެސް އިތުރުވެގެންދެއެވެ.

ރާއްޖެއަށް، ބޭރުން އެތެރެ ކުރެވޭ މިންވަރު މަދުކުރުމުން ނުހަނު ގިނަ ފައިދާތަކެއް ލިބޭ ކަމީ ދެބަސްވެވެންނެތް ހަޤިގަތެކެވެ. އެގޮތުން ރާއްޖޭގެ އަމިއްލަ އުފެއްދުންތައް އިތުރުވެ، ރާއްޖޭގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވުމުން، މީހުންގެ ދިރިއުޅުމުގެ ފެންވަރުވެސް އިތުރުވެގެން ދެއެވެ. ހަމައެހެންމެ ދިވެހިންގެ ވިސްނުން އިތުރަށް ފުޅާވެ، ތަރައްޤީވުމުގެ އިތުރުން، ރާއްޖޭގެ އުފެއްދުންތައް ބޭރުޤައުމުތަކަށް އެކްސްޕޯޓް ކުރާމިންވަރުވެސް އިތުރުވެގެން ދެއެވެ. މިބީދައިން ރާއްޖޭގެ އުފެއްދުންތައް މަޤުބޫލުވެގެންވެސް ދެއެވެ. އެހެންކަމުން ރާއްޖެއަށް، ބޭރުން އެތެރެ ކުރެވޭ މިންވަރު މަދުކުރުމަކީ ރާއްޖޭގެ މުސްތަޤުބަލު ބިނާކުރަން އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top